އަހަރެމެން އަބަދުވެސް މިބަޔާން ކުރަނީ ﷲ تعالى އާއިމެދު ނޭގިތިބެ ވާހަކަ ނުދެއްކުމަށެވެ. އެބަހީ މިދީނާއިމެދުގައެވެ. އަދި މިއީ އެންމެ ބޮޑުފަސާދަވަނިވި ފާފައިގެ ތެރެއިން ވާކަމެކެވެ. މިކަމާއި މެދު ﷲ تعالى އަށް ބިރުވެތިވާންޖެހެއެވެ. އަދި މިއީ ނައްސުން އެތައް އާޔަތަކުން ﷲ تعالى ވަޢީދު ލައްވާފައިވާ ކަމެކެވެ.
وَمِنَ النَّاسِ مَن يُجَادِلُ فِي اللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَابٍ مُّنِيرٍ (22:8)
”އެއްވެސް علم އަކާނުލައި، އަދި އެއްވެސް ތެދުމަގެއް ލިބުމަކާނުލައި، އަދި އަލިކުރަނިވި ފޮތެއްވެސް ނެތި اللَّه އާމެދު جدل ކުރާމީހުން، މީސްތަކުންގެތެރެއިންވެއެވެ.“
އެހެންކަމުން އިންސާނާ ހަނުހުރެ މަރުވުންވެސް ﷲ އާއިމެދު ނޭގިހުރެ ބަސް ބުނުމަށްވުރެ ހެޔޮވެގެންވެއެވެ. އެހެނީ މިވަޢީދު އައިސްފައިވަނީ ﷲ އާއި މެދު ބަސް ނުބުނެ ހަނު ހުރުމަކަށް ނޫނެވެ. އެހެނަސް ނޭގި ހުރެ ބަސް ބުނުމުގެ މައްޗަށެވެ.
ޝެއިޚް ޢަބްދުލް ޙަފީޡް رحمه ﷲ އަހަރެން ގާތު ވިދާޅުވިއެވެ: "ޢިލްމަކީ ކަނޑެއްފަދަ އެއްޗެކެވެ. އެއަށް މީހާ ފައިބާއިރު އޭގެފުންކަމެއް ނޭގެއެވެ. ތިލަ އެއްޗެކެވެ. އެހެނަސް އޭގެ ތެރެއަށް މީހާ ވަންނަވަރަކަށް އޭގެފުންކަން އެނގިގެންދެއެވެ." (އެބަހީ: ތިމާއަށް ނޭގޭ މިންވަރެވެ.)
އެއަށްފަހު ބުނަމެވެ:
”ތަކްފީރު“ އާއި ”އިކްރާހު“ ފަދަ ކަންކަމީ އިސްލާމްދީނުގެ އަސްލެއް ނޫނެވެ. މިކަންކަމަކީ މަންތިގު (ބުއްދީގެ ދަލީލާއި ރައުޔުތައް) ގެނެސްގެން އޭގެ ހުކުމެއް ނެރެވޭ އެއްޗެއްވެސް ނޫނެވެ. އަދި މިފަދައިން ދެކޭ މީހަކީ، ޢިލްމުގެ ފުންކަން ނޭގިހުރި ޖާހިލެކެވެ. ދީނުގެ ފޮތެއް ދެފޮތެެއް ކިޔެވުމާއިއެކު، އޭނާގެ ކުރިން އެކަމަކަށް ޢިލްމުވެރިން ވާހަކަދައްކަވާފައި ނުވާ ފަދަ މައުލޫތަކަށް، ފޮތް ތަކާއި ރިސާލަތްތައް ލިޔުމަކީ ”މުރައްކަބު“ ޖާހިލުންގެ ސިފަޔެކެވެ. މިއާއި ޚިލާފަށް، ”ޖާހިލަކީ“ އޭނާގެ ޖާހިލުކަން ވާކަން އެނގި، އެހެންކަމުން ޢިލްމުވެރިންނަށް ތަޤުލީދުކުރާ މީހާއެވެ. އެބަހީ ﷲ އެންގެވިފަދައިން ނޭގޭނެމަ ”ޛިކުރުގެ އަހުލުން“ ކައިރިން އެކަންކަން ހޯދުމެވެ. އަދި އޭގެ މައްޗަށް ނިސްބަތްކޮށް އޭނާ ވާހަކަ ދެއްކައެވެ. އެއީ، މިސާލަކަށް މިވެނި މައުލޫއެއްގައި ޢިލްމުވެރިން ވިދާޅުވަނީ މިހެން ކަމަށްބުނުމެވެ. އަދި އެހެނަސް، މިފަދަ މީހާ އަށް، މައްސަލައެއްގެ ބަޔެއް ނޫނީ ފޮތެއް ނޫނީ އެއިން ތަންކޮޅެއް ކިޔައި، އޭގެ މައްޗަށް އަމިއްލަ ރައުޔު ނެރެ، އަނެކުން ފާސިޤުކުރުމެއްވެސް ނޫނީ ބިދުޢަވެރިކުރިމެއްވެސް ހުއްްދެވެގެން ނުވެއެވެ. އެހެނީ މިކަންކަމީ އިޖުތިހާދީ މައްސަލަތަކަށް ވެފައި، އޭނާ އަށް އެކަމުގެ އެކަށީގެންވާ ޢިލްމުނެތުމުން، އެޙާލަތުގައި އޭނާގެ މައްޗަށް ވަނީ އެކަމުގައި ޢިލްމުވެރިންގެ ބަހަށް ތަބައުވުން ކަމުގައި ވުމެވެ. އަދި އަނެކުންގެ ހުއްޖަތާއި ދަލީލާއި ނުދަނެ ހުރެ އެވެރިން ކުށްވެރިކޮށް ނޫނީ ފާސިގުކޮށް ހުކުމް ކަނޑައެޅުމަކީ އަނިޔާއެކެވެ.
އަދި ދަންނާށެވެ: ދެގޮތުންކުރެ އެއްގޮތަކީ ރަނގަޅުގޮތްކަމުގައި ވާ ހިނދުވެސް ދެފަރާތްވެސް އުޛުރުވެވޭ ހާލަތްތައް ވެއެވެ. އެއީ އަސުރު ނަމާދު ބަނޫ ޤުރައިޟާ ގައި ކުރުމަށް އެންގެވުމާއި މެދު ޚިލާފުވި ޙާދިޘާގައި ވާ ފަދައިންނެވެ. އަދި ނަބިއްޔާ ﷺ އެ ޞަޙާބީން ކުރެ ދެބައިގަނޑަށްވެސް އެކަމުގައި ފާޑުވިދާޅުވެ ނުލައްވައެވެ.
ބަޔެއް މީހުން ގިނަ ފަހަރަށް ފިޤުހު ތެރެއަށް ވަންނަނީ ކުރު ޝަރަހަޔެއް ކިޔާލެވުމުންނެވެ. ދެން އޭނާއަށް އެއިން އެނގުނު ދަލީލާއި ޚިލާފަށް އިހުގެ ޢިލްމުގެ ބޮޑުން އަދި ފިޤުހާއި ޙަދީޘްގެ މުންނާރުތައް ބަސްވިދާޅުވިތަން ފެނިއްޖެތަ، އެބޭފުޅުން ކުށްވެރިކޮށް އޭނާ އިނގިލިދިއްކުރެއެވެ!
މިފަދަ މީހުންނާއި ދިމާލަށް ބުނެވުންވަނީ، ތާބިޢީ ބޭކަލެއް ކަމުގައިވާ، އަބޫ ސަލަމާއަށް ބުނެވުނު ބަހެވެ. އެއީ ”ހިތާނުކުރެވިފައިވާ ދެގުނަވަން“ (އެބަހީ އަންހެންމީހާގެ ފަރުޖުގައި ފިރިހެން މީހާގެ ހަށި) ޖެހިއްޖެ ނަމަ، ހިނައިގަންނަށް ނުޖެހޭނެ ކަމަށް ދައުވާކޮށް، އަދި ހިނެއުންވަނީ މަނިބޭރުވުމުން ކަމަށް އަބޫ ސަލަމާ ވަކާލާތުކޮށް، ﷲ ރުއްސުންލެއްވި އިބްނު ޢައްބާސް އާއިވެސް ޖަދަލުކޮށް އުޅުމުންނެވެ. ("މުވައްތައު" ގައި ރިވާވެފައިވާ ފަދައިން އުއްމުލް މުއުމިނީން ޢާއިޝާ ފަރާތުން) އެހިނދު އޭނާ އަށް ބުނެވުނެވެ:
"އޭ އަބޫ ސަލަމާއެވެ! ތިބާގެ މިސާލަކީ ކޮބައިކަން އެނގޭހެޔެވެ؟ އެއީ ފިޔޮކެއްގެ މިސާލެވެ! ހާ ގޮވާއަޑު އެއަށް އިވުމުން، އޭގެ ފަހަތުން އެސޮރު ގޮވައެވެ."
އެބަހީ: ތިބާ އިބްނު ޢައްބާސް ގެ ދަރަޖައަށް ނުދެއެވެ. އެހެނަސް އެކަލޭގެފާނާއި ޖަދަލުކުރެއެވެ. —ﷲ އަބޫ ސަލަމާއަށް ޢަފޫ ކުރައްވައި ރަހުމަތްލައްވާށިއެވެ.
ނަބިއްޔާ ﷺ ޒަމާނުގައިވެސް ބަޔެއް މީހުން ނޭގުމުގައި ފަތުވާދީ މިއާޔަތުގެ އަމުރައް ތަބައުނުވެ ގޮސްފައިވެއެވެ:
فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ
”ތިޔަބައިމީހުންނަށް ނޭގެނީނަމަ، ޛިކުރުގެ އަހުލުންގާތު އަހާ ހުށި ކެމެވެ.“
އެހެންކަމުން އެއްވެސް މީހެއް އެމީހެއްގެ ނަފްސުގެ މައްޗަށް ނުއެދޭނޭ ފަދަ ދުޢާއެއް އިތުރުއެކަލޭގެފާނު ﷺ އެވެރިންނަށް ކުރެއްވިއެވެ. މިގޮތުން ބޮލުގައި ޒަޚަމެއް ވެފައިވާ ޞަޙާބީއަކަށް ހިނައިގަތުމަށް، މިބައިމީހުން ފަތުވާ ދިނެވެ. އަދި އެކަމުގެ ސަބަބުން އެޞަޙާބި އަވަހާރަވިއެވެ. އަދި އެކަން އެނގިވަޑައިގެންނެވުމުން ޙަދީޘް ކުރެއްވިއެވެ:
قَتَلُوهُ قَتَلَهُمُ اللَّهُ أَلَمْ يَكُنْ شِفَاءُ الْعِيِّ السُّؤَالَ
”އެވެރިން އޭނާ މަރައިފިއެވެ. ﷲ އެވެރިން ޤަތުލުކުރައްވާށިއެވެ! ފަހެ ނޭގުމުގެ ޝިފާއެއްކަމުގައި ސުވާލުކުރުން ނުވޭހެއްޔެވެ؟“
މިގޮތުން މަޒުހަބުތަކަށް ޢައިބުކިޔާ މީހުން އެބަފެނެއެވެ. ހަނަފީންނާއި ޝާފިޢީންނާއި މާލިކީންނާއި ހަންބަލިއްޔަތަށް ތަޢައްޞުބުވާ ފަރާތްތައް، ދަށް ކޮށްލާތަން އެބަފެނެއެވެ. އެހެނަސް މިކަން މިކުރަނީ ޚުދު އަބޫ ހަނީފާ އާއި ޝާފިޢީ އާއި މާލިކާއި އަޙްމަދަށްވުރެ އެތައް ގުނައެއް ދަށް ބަޔަކަށް ތަބައުވެތިބި ބަޔެކެވެ!
އަހަރެމެން މިނެކިރާ މިންގަނޑު، އެކައްޗެއްގައި ބެހެއްޓުން މުހިއްމެވެ. އެއީ މަސްހުނިވެފައިވާ މަންހަޖެއްގެ ތެރޭގައި ތިބެ ޖަދަލުކުރާ ބަޔަކަށް ނުވުމަށެވެ. މިފަދަ ބަޔަކީ އެހެންނާ ވަކިއަތަކަށް ޖެހިފައިވާ ނޫނީ ޖާހިލު ނޫނީ ޣާފިލު ބަޔެކެވެ.
މިގޮތުން ދަލީލަށް ތަބައުވުމުގައި މުސްލިމުން ހަވަރަކަށް ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ އެވެރިންގެ ޢިލްމުގެ މައްޗަށް މިނެކިރައެވެ. މީގެ ތެރެއިން ތިބާގެ ދަރަޖައަކީ ކޮބާތޯ ރަނގަޅަށް ވިސްނާށެވެ:
ފުރަތަމަ ދަރަޖައަކީ: ދަލީލުތައް ބަލައިހޯދުމަށް ކުޅަދާނަ، އަދި އެއަށް އަހުލުވެރި، އަދި އިޖުތިހާދުކުރަނިވި ޢިލްމިވެރިޔާ އެވެ.
ވީމާ މީނާ ވާންޖެހެނީ އިދިކޮޅު މީހުންގެ ސީދާ ފޮތްތަކުން — އެހެން ބަޔެއް އެވެންނާއި ބެހޭގޮތުން ލިޔެފައިވާ ފޮތްތަކަކުންނެއްނޫން — ބަލައިހޯދާފައިވާ މީހަކަށެވެ. މިގޮތުން އެވެރިންގެ ރައުޔުތައް އެވެރިން ދެކޭގޮތަށް (އެކަމުގައި ގެންނަ ދަލީލު ތަކާއި އެކު) ކިޔައިދެވޭނޭ މީހަކަށެވެ. އަދި އިންސާފުވެރި ވުމަކީ މިއީއެވެ. އެހެންކަމުން މިފަދަ މީހާ އަށް (ރާޖިހު) ދަލީލާއި އެއްބަސްވާ އެއްޗަށް ފަތުވާ ދީ، ދެކޮޅުވެރިވާ މީހާ ކުށްވެރި ކުރެވިދާނެއެވެ.
އަދި ރަސޫލާގެ ޙަދީޘްގެ މައްޗަށް އަމުރުކޮށް، އެއަށް ގޮވާލައި، އުއްމަތުގެ ބޮޑަކަށްވިޔަސް (އެބަހީ: އިމާމެއް ވިޔަސް) އެކަމުގައި ރަސޫލުގެ މައްޗަށް ނުނެގުމަށް ގޮވާލުމުގެ މައްޗަށް އެބަޔަކަށް ވާޖިބުވާ ބަޔަކީ މިދަރަޖައިގެ ބޭފުޅުންނެވެ.
(ނޯޓް: ބަލައިހޯދިފައިވުމޭ، މިބުނެވެނީ، އިދިކޮޅު ރައުޔުތައް، އެ ވެރިންގެ ސީދާ ފޮތްތަކުން، އެވެރިން ގެންނަ ދަލީލުތަކާއި އެކު ބަލައި ހޯދައި އުނގެނިފައި ވުމެވެ. އަދި އެވެރިންގެ ފިޤުހާއި ޤަވައިދިތައް އެކަމުގައި އޭނާ ފުރިހަމަޔަށް ދަތުމެވެ.)
ދެވަނަ ދަރަޖައަކީ: އެއީ ކަމަށް ކުޅަދާނަ ޢިލްމު އުގެނޭ ދަރިވަރުންނެވެ. އެއީ ގިނަކަންކަމުގައި ނޫނީ ބައިވަރުކަންތަކުގައި (އިހު ބުނެވުނު) ”މުޖްތަހިދު ޢިލްމިވެރިޔާ“ ފަދައިން ބަލައިހޯދުމުގެ ފެންވަރު ހުރި މީހުންނެވެ. އެހެންކަމުން މުޖުތަހިދު ޢިލްމުވެރިޔާ ފަދައިން އޭނާ އެމައްސަލަތަކުގައި ޙުކުމް ކުރެއެވެ. ދަލީލަށް ތަބައުވުން ނޫންގޮތެއް އޭނާގެ މައްޗަށް ހުއްދަވެގެން ނުވެއެވެ. އެހެނަސް އެނޫން (ފުރިހަމަޔަށް ބަލާހޯދިފައިނެތް މަދު) ކަންކަމުގައި އޭނާ އަމަލު ކުރަން ޖެހޭނީ ތިރީގައިވާ 4 އަދި 5 ގައިވާފަދައިންނެވެ. އަދި މިކަންކަމުގައި، އިދިކޮޅު ފަރާތުގެ ހުއްޖަތް ފުރިހަމަޔަށް އަޑުނީވި، އޭނާ ކުށްވެރިކިރުމުގެ ހުއްދައެއް މީނާއަށް ނުވެއެވެ.
ތިންވަނަ ދަރަޖައަކީ: ބައެއް މައްސަލަތައް ބަލައިހޯދިފައިވާ، އަދި އެކަމުގައި ޢިލްމީ އިންސާފުވެރި ބަލައިހޯދޭނެ، އެހެނަސް ގިނަކަންކަމުގައި ފުރިހަމަޔަށް ނުވަތަ އެއްވެސް ވަރަކަށް ބަލައިހޯދިފައިނުވާ މީހާއެވެ. އޭނާ ފުރިހަމަޔަށް އެކަން ކަމެއްގައި ބަލައިހޯދިފައި ވާ ކަންތައްތަކުގައި އޭނާގެ ހުކުމަކީ ދަލީލަށް ތަބައުވުން ލާޒިމު މުޖްތަހިދު ފަދައެވެ. (މަދު ކަންތައްތަކެއްގައި މީނާ އަކީ ފުރަތަމަ ދަރަޖަ ފަދައެވެ.)
ހަތަރުވަނަ ދަރަޖަ: ކުޑަކޮށް ބަލައިހޯދިފައިވާ މީހުން: އެއީ މިސާލަކަށް ޢިލްމިވެރިން ކުރެ ގިނަ ބޭފުޅުން އެކަމާ ވިދާލުވެފައިވާ އެއްޗެއް އެނގޭ، ނުވަތަ އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ބޭކަލުން، ނުވަތަ އެކަންކަމުގައި ބަޔެއް ޢިލްމިވެރިންގެ ”ބަސްތައް“ އެގޭ މީހާއެވެ. ނުވަތަ މައްސަލައެއްގައި އެއް ފޮތް ކިޔާފައިވާ މީހާއެވެ. ނުވަތަ ޢިލްމިވެރިން ކުރެ ބޭފުޅެއްގެ ބަސް ނޫނީ ތަހުގީގު އަޑުއަހައިފައިވާ މީހާއެވެ.
އެއީ މިސާލަކަށް ޝާފިއީގެ ބަސްފުޅު އެކަނި، "އަލްއުއްމު" ފޮތުން އެނގިފައިވާ، ނުވަތަ އެމައްސަލާގައި އައްޠަޙާވީގެ ތަހުގީގު "ޝަރަޙް މަޢާނީ އަލްއާޘާރް" އިން ކިޔާފައިވާ، ނުވަތަ "ތަހްޒީބް އަލްއާޘާރު" ގައި އައްޠަބަރީ ތަރުޖީހު ކުރައްވާފައިވާ ގޮތް އެނގޭ މީހާ، ނުވަތަ (ޝައިޚުލް އިސްލާމް) "މަޖްމޫޢު އަލްފަތާވާ" ގެ މުނާގަޝާ ތައް ކިޔާފައިވާ މީހާ ނުވަތަ "ނޭލް އަލްއައުޠާރު" ގެ އައްޝައުކާނީގެ ބަލައިހޯދުންތައް ކިޔައިފިމީހާ — ފަހެ މި އެންމެހާ (ފޮތްތައް ލިޔުއްވި) ބޭފުޅުންނީ، ދަލީލަށް ތަބައުވެ ތަހުގީގު ކުރެއްވި ޢިލްމިވެރިންގެ ތެރެއިން އިމާމުން ކަމުގައި ވިޔަސް، އެއިން އެއް ބޭކަލަކަށް އެކަނި މިންވަރު ވުން ޢިލްމީ ބަލައިހޯދުމުގެ ތިލަފަތުގައި ފުދިގެނެއް ނުވެއެވެ.
އެހެނަސް (މިބުނެވުނު ފަދަ ޢިލްމީ ޚަޒާނާ ތަކާއި އެކު) އެހެން އެއްޗެއް އުނގެނުމަށް ފަސޭހަކުރައްވައިފި މީހާ، ނުވަތަ އެވަރު ވަޤުތު އޮވެއްޖެނަމަ، އޭނާގެ މައްޗަށްވަނީ އިލްމީ އެންސައިކުލޮޕީޑިއާއެއް ތެރެއަށް ފީނުމެވެ.
އެއީ އެންމެ މަދުވެގެން މިސާލަކަށް: އިބްނު ޤުދާމާގެ "އަލްމުޣްނީ" ނޫނީ އިބްނި ޢަބްދުލް ބައްރުގެ "އަލްއިސްތިޛްކާރު" ނޫނީ އަލްބައިހަޤީގެ "ސުނަން އަލްކުބްރާ" ނޫނީ އިބްނު ޙަޒަމްގެ "އަލްމުޙައްލާ" އެވެ. ދެން އޭނާ އަށް ފުރިހަމަ ބަލައިހޯދުމެއް ބެލެންދެން، މިކިޔެވިތަކެތީން، ދަލީލާއި އެކުގައިވާތަން އޭނާއަށް ފެންނަ ކަންކަމަށް ތަބައުވެ ހުރުމެވެ.
މިދަރަޖައިގެ މީހުން އޭނާ އާއި އިދިކޮޅުވާ މީހުން ކުށްވެރިކުރުން އެދެވިގެން ނުވެއެވެ. އެހެނީ ކުށްވެރިކުރުމަކީ ތިބާ އޭނާ އަށް ހުކުމެއް ކުރުމެވެ. އަދި ތިބާ އަށް އޭނާގެ އަނގައިން (އެބަހީ: އޭނާގެ ބަހަށް އޭނާ ގެންނަ ޢާލިމުންގެ ފޮތްތައް) ތިބާއަށް ނޭގި ހުރެ، އޭނާ ގެ މައްޗަށް ތިބާ ހުކުމެއް ކުރާނީ ކިހިނަކުން ހެއްޔެވެ؟
އަދި ބަލައިހޯދުމަށްފަހު ވަކި ގޮތަކަށް އޭނާ އަށް ދަލީލު ނުވާ މީހާ، އެހެނަސް އެއްކޮޅަށްވުރެ އަނެއްކޮޅަށް އޭނާ ބޮޑަށް ބުރަވެވޭ މީހާ ވެސް ވަނީ މި ދަރަޖައިގައި ހިފުމެވެ.
(މިހިސާބަށްވެސް ފޯރާފައިވާ ޝޭޚެއް ރާއްޖޭން ނުދެކެމެވެ. އަދި ކިރިޔާ އަރައިފޯރާ ބޭކަލަކަށް ބާބުލް އަވާލީ ބޮޑު ޝެއިޚު ފިޔަވެވެ. އަދި ބުނެވެއެވެ: މީދޫ ޝެއިޚު ވެސް އެވެ.)
ފަސްވަނަ ދަރަޖަ: ފުރިހަމަޔަށް ބަލައިނުހޯދޭނެ ޢާންމުންނެވެ.* އަދި މީސްތަކުންގެ ތެރޭގައިވާ ފަހުމުގެ މިންވަރުގެ މައްޗަށް، ޢިލްމުވެރިންގެ ބަލައިހޯދުންތައް ކިޔުމުގެ ބޮޑު ކުޅަދާނަކަމެއް ވާ މީހާއެވެ. މީނާ އަށް އެހެންމީހުން ގެ ރައުޔު ކުށްވެރި ކުރުމެއް ނުވެއެވެ. އެއީ އޭނާ އަށް ފެންނަ އަދި ދަލީލާއި ގާތް ގޮތުގެ މައްޗަށް އޭނާ އަމަލުކުރިއެއް ކަމަކުއެވެ. މިއީ އޭނާގެ ފަހުމުގައި އޭނާ އަށް ލިބިފައިވާ ހަނި ކުޅަދާނަކަމުގެ ސަބަބުންނެވެ. އެބަހީ، ޢާންމު މީހަކަށް، އިހުގެ ޢިލްމިވެރިއެއް ވަކި ކަމެއް ވަކިގޮތަކަށް ކަނޑައެޅުއްވި ނަޒަރު އެނގި، އަދި ދަލީލު އެބޭފުޅާއާއެކު ވާތަން އޭނާއަށް ފެންނަނަމަ، ނުވަތަ އޭނާގެ ހިތުގެ އަޑިން އެބޭފުޅެއްގެ ނިންމުމަށް ތަނަވަސްކަން އައިސްފިނަމަ، މިމީހާގެ މައްޗަށް ވަނީ ދަލީލު އެވަނިވި ގޮތުގައި ކުރިޔަށް ދިޔުމެވެ. އަދި މިކަމުގައި ނަފްސުގެ އެދުމާއި ހަވަޔަށް ތަބައުވުން ހުއްދައެއް ނޫނެވެ.
* (ޢަރަބި ބަސް އެނގިވެސް ފުރިހަމަ ރިސާރޗް ކުރުމަށް އެތައް ބަޔަކު ނުކުޅެދޭ އިރު، އަރަތްބެއް ނޭގި ހުންނަ މީހާ ގެ ޙާލަކީ ފަހެ ކޮބައިހެއްޔެވެ؟)
ހަވަނަ ދަރަޖަ: މިއީ ފަސްވަނަ ދަރަޖައަށް ވުރެ ދަށު ދަރަޖަ އެވެ. އެއީ ދަލީލުތައް މަޢްރިފާކޮށް ދެނެގަތުމުގެ ފަސޭހަކަން ނެތް މީހާއެވެ. އެހެނަސް ޢިލްމުވެރިން ކުރެ ބޭފުޅެއް ދެކިލައްވާ ގޮތް އޭނާ އަށް އެގޭ މީހާއެވެ. އަދި މިއީ އިބްނު ތައިމިއްޔާ، އަލްފަތާވާ އަލްމިޞްރިއްޔާ 2/391 ގައި މިފަދައިން ވިދާޅުވި މީހުންނެވެ:
"ޞައްޙައީ، މިވެރިން މައްޗަށް މިކަން (އެބަހީ: ކަނުކޮށް ތަބައުވުން) ހުއްދަވުމެވެ. އެހެނީ އިޖްތިހާދު ކުރުމަށް ނުކުޅެދުމެވެ. އެއީ އެހެންޏާ ދަލީލުތައް ގިނަގުނަ ކަމުން (އޮޅުންބޮޅުން އަރާތީ)، ނޫނީ އިޖްތިހާދުކުރުމަށް އެވަރު ވަޤުތު ނެތުން، ނުވަތަ ދަލީލު ސާފުވެފައި ނުވުމެވެ." اهــ. އެހެންކަމުން މިއީ މިފަދަ ހާލުގައި ތަޤްލީދުކުރުން ހުއްދަކަމަށް އިބްނު ތައިމިއްޔާ ކަންޑައެޅުއްވި ހާލަތެވެ. ވީމާ ޢާންމު މީހާ ޢިލްމިވެރިވުން ލާޒިމެއްނޫނެވެ. އަދި އޭނާއަށް ފަސޭހަ މީހެއް ގާތު ސުވާލުކުރުން އޭނާގެ މައްޗަށް ޖާއިޒުވެފައިވެއެވެ. އެއީ ޚުދު ޞަޙާބީން އެބޭކަލުންގެ ތެރެއިން ޢިލްމިވެރި ބޭކަކުންނާއި ސުވާލުކުރެއްވި ފަދައިންނެވެ.
އަދި މިއީ ދިވެހި ގިނަ އަޚުން ގެ ދަރަޖައެވެ. އަދި ބަޔެއް އަޚުން މިއަށްވުރެ ކުޑަކޮށް މައްޗަށް އެހެނަސް 5 ވަނަ ދަރަޖައަށް ނުދެއެވެ. އެހެނަސް ހައިރާން ވަނީ، މިއާއި އެކުވެސް، އިޖްތިހާދީ (ދީނުގެ އަޞްލުގެ ތެރޭ ނުހިމެނޭ) ކަންކަމުގައި އެއްވެސް ޢިލްމުވެރިޔަކަށް ނިޞްބަތް ނުކޮށް، އަދި ތިބާ މިއީ މިއުއްމަތުގައި އެމައުލޫއެއް މައްޗަށް އެންމެ ފުރަތަމަ އިޖުތިހާދުކުރާ މީހާ ފަދައިން ފަތުވާތައް ނެރެ، އަމިއްލަޔަށް މަގުފުރެދި އެހެން މީހުންވެސް މަގުފުރެއްދުމެވެ.
ﷲ ތަޢާލާ އަށް ބިރުވެތިވެ މުރައްކަބު ޖާހިލަކަށް ވުމުން ސަލާމަތްވުމަށް ކޮންމެ އަޚެއްވެސް މަސައްކަތް ކުރުން ލާޒިމެވެ. ޖާހިލަކީ އޭނާއަށް ނޭގޭކަން އެނގޭ، އަދި އެހެންކަމުން އެކަމާއިމެދު އެނގޭ މީހުންނާއި ސުވާލުކުރާ މީހާއެވެ. އެހެނަސް މުރައްކަބު ޖާހިލަކީ، ހިމާރެއްމަތީ އިންނަ ހިމާރެކެވެ. އޭނާ ހީކުރަނީ އޭނާ ވަނީ ޢިލްމީ އެއްޗެއްގެ މަތީގައި ކަމަށެވެ. އަދި އޭނާގެ ޖާހިލުކަން އޭނާ ތަސައްވަރު ނުކުރެވެއެވެ. އަދި އެހެން ކަމުން ސުވާލެއްނެތި، އަދި އެކަމުގައި އޭނާގެ ކުރިން ބަސްބުނި ފަރާތެއް ނެތި ﷲ ގެ ދީނުގެ މައްޗަށް ވާހަކަ ދައްކަމުން ދެއެވެ.
ސޯޝަލް މީޑިއާގައި އުޅޭ އަޚުންނާއި އުޚްތުންނަށް ބުނެލަމެވެ: ދިގުކޮށް ލިޔާ ކޮންމެ ލިޔުމަކީ ޙައްޤެއް ނޫނެވެ. އަދި އެއަކަށް މަޞްދަރެއް ދީފައިނުވާ ކޮންމެލިޔުމަކީ އެހެންޏާ ވަގަށް ނަގާފައިވާ އެއްޗެކެވެ (އަދި އެހެން ކަމުން އިތުބާރެއް ނުވާ އޮޅުވާލުމެކެވެ.) ނޫނީ ޖާހިލެއްގެ އަމިއްލަ ރައުޔެވެ. އަދި މިދެ އަނދަވަޅުންވެސް ސަލާމަތްވާން ޖެހެއެވެ. އަދި އަޙްމަދު ބުނު ހަންބަލް ފޫޅުން ކުޑަކޮށް ތިރީގައި ހަށަން ބަނުން މައްސަލައެއް ނެތްކަމަށް ވިދާޅުވި ރައުޔުފުޅު އެކަނި ވެސް، މިފަދަ ސޯޝަލް މީޑިއާގެ ވާނުވާ ސަތޭކަ ހާސް ލިޔުމަށް ވުރެ އަހަރެމެންނަށް ލޮބުވެތިވެފައި، މިދީނުގައި ސީދާ ވެގެންވެއެވެ.
ވީމާ ދީނީ ދައުވަތުގެ ތިބާގެ ގިއުގަނޑު ދެނެގަންނާށެވެ. އަދި މިކަމުގެ ޢިލްމުވެރިންގެ ރައުޔުތަކާއި، ފަތުވާތައް ތަރުޖަމާކޮށް ނޫނީ ބަހައި ހެދުމާއި، އެތަކެތި މެދުވެރިކޮށް އަދި އެއަށް ރިއާޔަތްކޮށް ދައުވަތު ދިނުމުގެ މަގު ވަނީ ފުޅާވެގެންވެއެވެ.
އަދި ޢިލްމު ހޯދުމުގެ ރާސްތާވެސް ތަނަވަސް ވެފައިވެއެވެ. އަދި މިދަޢުވަތުގައި ތެދުވާ ކޮންމެ ދަރިވަރަކީ، މިޢިލްމުގެ އަސާސީ މިންވަރު އުނގެނިފައިވާ، އަދި އޭގެ އަސާސީ ފޮތްތައް ކިޔައި ދަސްކޮށްފައިވާ ބަޔެއް ކަމުގައިވުން ކޮންމެހެން ލާޒިމެވެ. އެހެންކަމުން މިކަމަށް ފަރުވާ ކުޑަ ނުވާށެވެ.
ﷲ أعلم.
وﷲ المستعان!
____________
ނޯޓް: މިލިޔުމުގައިވާ ޢިލްމީ މިންގަނޑު ތަކުގެ އަޞްލު ނަގާފައިވަނީ އައްޝެއިޚް އަލްމުޖާހިދް މައިސަރަތަލް ޣަރީބް (މުޙައްމަދު ވާއިލް ޙިލްވާނީ) رحمه ﷲ ގެ "إنّما شفاءُ العِيِّ السّؤال" މި ރިސާލަތުން