”އިޢްލާމުލް މުޥައްޤިޢީން އަން ރައްބިލް ޢާލަމީން“ ގައި އިބްނުލް ޤައްޔިމް ބާބެއް ކަނޑައެޅުއްވިއެވެ:
”އޭގެ އަހުލުވެރި ނޫން ފަރާތެއް ފުށުން ފަތުވާއެއް ނެރެއްޖެ މީހާ، ފާފަވެރިވެއްޖެއެވެ.“
ތިރީސް ތިންވަނަ ފައިދާ: މީސްތަކުންނަށް ފަތުވާ ދޭމީހާ، އަދި އެއީ ފަތުވާ ދިނުމަށް އަހުލުވެރި ނޫން މީހެއްނަމަ (އެބަހީ: ކަމުވޮށިގެން ނުވާ މީހެއްނަމަ)، ފަހެ އޭނާ އެހެރީ އުރެދި ފާފަވެރިވެފައެވެ. އަދި އޭނާ އެކަމަށް އައްޔަން ކުރީ ވަލިއްޔުލް އަމްރު ކަމުގައިވިޔަސް، އޭނާ ފާފަވެރިވެއެވެ.
އަބުލް ފަރަޖި ބްނުލް ޖައުޒީ رَحِمَهُ اللَّهُ ވިދާޅުވިއެވެ: ”ވަލިއްޔުލް އަމްރުއަށް ލާޒިމުވެގެންވަނީ އެފަދަމީހުން މަނައުކުރުމެވެ. އެއީ ބަނޫ އުމައްޔާ ކަންތައް ކުރިފަދައިންނެވެ. މިބައިމީހުންގެ މިސާލަކީ ދަތުރުވެރިންނަށް މަގުދައްކާ މީހެއްފަދައެވެ. އެހެނަސް އޭނާއަށް މަގު ނޭގެއެވެ. އަދި އެއީ މީސްތަކުންނަށް ޤިބުލަ ދައްކަ ދޭ ލޯފަން މީހެއްފަދައެވެ. އަދި ބޭސްވެރިކަމުގެ ޢިލްމެއް ނެތި، އެހެނަސް މީސްތަކުންނަށް ބޭސްކުރާ މީހެއްފަދައެވެ. އަދި ކިއެއްހެއްޔެވެ؟ މިއެންމެނަށް ވުރެ އޭނާގެ ދަރަޖަ ނުބައިކަން ބޮޑެވެ. އަދި ބޭސްވެރިކަމުގައި ނުރަގަޅުކަން ހުރެއްޖެ މީހާ ބަލިމީހުންނަށް ފަރުވާދިނުމުން މަނައު ކުރުން ވަލިއްޔުލް އަމްރު އަށް ވާނަމަ، ދެން ފަހެ ޤުރުއާނާއި ސުންނަތް މަޢުރިފާ ނުވެ، ދީނުގައި ފިޤުހުވެރި ނޫން މީހެއް މަނައުކުރުން (އޭގެ މުހިއްމުކަން) ވަނީ ކޮންފަދައަކުންހެއްޔެވެ؟“
އަދި އަހަރެމެންގެ ޝެއިޚު (އިބްނު ތައިމިއްޔާ) رَضِيَ اللَّهُ عَنْهُ މިބައިމީހުންނަށް އިންތިހާ އިންކާރު ކުރައްވައެވެ. އަދި ވިދާޅުވާތީ އަހަރެން އަޑުއެހީމެވެ: ”މީގެ ތެރެއިން ބައެއް މީހުން އަހަރެން ގާތު ބުންޏެވެ: ”ތިމަން ފަތުވާ ދިނުމަށް އެކަށީގެންވާކަމަށް ދެކެމުހެއްޔެވެ؟“ އެހެންކަމުން އަހަރެން އޭނާއަށް ބުނީމެވެ: ”ބަނަސް ފިހާ މީހުންނާއި ކައްކާ މީހުންނައި އެކަށީގެން ވުންހެއްޔެވެ؟ ނޫނީ ފަތުވާ ދިނުމަށް ހެއްޔެވެ؟“
އަދި އިމާމް އަޙްމަދު އަދި އިބްނު މާޖާ، ނަބިއްޔާ ﷺ އަރިހުން މަރްފޫޢު ގޮތުގައި ރިވާ ކުރެއްވިއެވެ: مَنْ أَفْتَى بِغَيْرِ عِلْمٍ كَانَ إثْمُ ذَلِكَ عَلَى الَّذِي أَفْتَاهُ ”ޢިލްމަކާއި ނުލައި ފަތުވާ ދީފި މީހެއް، އެކަމުގެ ފާފަ ވަނީ އެފަތުވާ ދިން މީހެއްގެ ބޮލުގައެވެ.“
އަދި ދެ ޞަޙީޙް ގައި، ޢަބްދު اللَّه ބުނު ޢަމްރު ބުނިލް ޢާޞް رَضِيَ اللَّهُ عَنْهُمَا ގެ ރިވާޔަތްތަކުން، ނަބިއްޔާ ﷺ އަރިހުން ވެއެވެ:
أَنَّ اللَّهَ لَا يَقْبِضُ الْعِلْمَ انْتِزَاعًا يَنْتَزِعُهُ مِنْ صُدُورِ الرِّجَالِ، وَلَكِنْ يَقْبِضُ الْعِلْمَ بِقَبْضِ الْعُلَمَاءِ، فَإِذَا لَمْ يَبْقَ عَالِمٌ اتَّخَذَ النَّاسُ رُؤَسَاءَ جُهَّالًا؛ فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ فَضَلُّوا وَأَضَلُّوا
”ހަމަކަށަވަރުން اللَّه ޢިލްމު ހިއްޕަވަނީ މީސްތަކުންގެ މޭތަކުން އެނެތިކުރައްވައިގެނެއް ނޫނެވެ. އެހެނެއްކަމަކު އެއިލާހު ޢިލްމު ހިއްޕަވަނީ ޢިލްމުވެރިންގެ (މަރު) ހިއްޕަވައިގެންނެވެ. އެހެންކަމުން އެއްވެސް ޢިލްމިވެރިޔެއް ނެތުމުން، ޖާހިލުންނީ އެވެރިންގެ ބޮޑުންގޮތުގައި މީސްތަކުން ނަގައެވެ. ސުވާލުވެވި، ޢިލްމެއްނެތި ފަތުވާދީ، މަގުފުރައްދައި މަގުފުރެދެއެވެ.“
އަދި މަރްފޫޢުކޮށް އައިސްފައިވާ އަޘަރެއްގައި، އަބުލް ފަރަޖް އާއި އެނޫން ބޭފުޅުން ޛިކުރު ކުރެއްވިއެވެ: مَنْ أَفْتَى النَّاسَ بِغَيْرِ عِلْمٍ لَعَنَتْهُ مَلَائِكَةُ السَّمَاءِ وَمَلَائِكَةُ الْأَرْضِ ”ޢިލްމަކާއި ނުލައި މީސްތަކުންނަށް ފަތުވާދޭ މީހަކަށް، އުޑުގެ މަލާއިކަތުންނާއި ބިމުގައިވާ މަލާއިކަތުން ލަޢުނަތްދެއެވެ.“
އަދި މާލިކު رَحِمَهُ اللَّهُ ވިދާޅުވެއެވެ: "ކަމަކާއިމެދު ސުވާލުވެވިއްޖެ މީހާ، އޭނާ އެއަށް ޖަވާބު ދިނުމުގެ ކުރިން، އޭނާގެ ނަފްސު ޖަންނަތާއި ނަރަކަ އަށް ހުށަހަޅައި، އޭނާގެ ނިންމުން ޤިޔާމާތްދުވަހު ވަނީ ކިހިނަކުންތޯ ބަލަންޖެހޭނެއެވެ. ދެން އެކަމުގައި ޖަވާބުދޭށެވެ." (އަދި މިއީ އެކަމުގެ އަހުލުވެރިންގެ ވާހަކައެވެ.)
އަދި އެކަލޭގެފާނާއި ކަމަކާއި ސުވާލުވެވުމުން ވިދާޅުވިއެވެ: ”އަހަރެންނަކަށް ނޭގެއެވެ.“ އެހެންކަމުން އެކަލޭގެފާނަށް ވިދާޅުވެވުނެވެ: ”މިއީ ވަރަށް ލުއި އަދި ފަސޭހަ މައްސަލައެކެވެ.“ ދެން ކޯފާއިސްކުރެއްވިއެވެ. އަދި ވިދާޅުވިއެވެ: ”ޢިލްމުގައި ލުއި އެއްވެސް އެއްޗެއް ނުވެއެވެ. اللَّهِ عَزَّ وَجَلَّ މިވަޙީ ބަސްފުޅު އަޑެއް ނާހަމުހެއްޔެވެ: {إِنَّا سَنُلْقِي عَلَيْكَ قَوْلا ثَقِيلا} [المزمل: ٥] "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ބަރުދަންހުރި ބަހެއް ބާވައިލައްވާހުށީމެވެ." އެހެންކަމުން ޢިލްމު އަކީ އޭގެ އެންމެހާ އެއްޗެއް ބަރުވެގެންވާ އެއްޗެކެވެ. އަދި ވަކިން ޚާއްޞަކޮށް އެއަކީ އޭނާ އާއި ޤިޔާމަތްދުވަހުން ސުވާލުވެވޭނޭ އެއްޗެކެވެ.“
އަދިވެސް ވިދާޅުވިއެވެ: ”މިކަމުގައި އަހުލުވެރިވެގެން ވާކަމަށް ހަތްދިހަ ބޭފުޅެއް އަހަރެންގެ މައްޗަށް ހެކިވެނުލައްވަނީސް ފަތުވާ ދެއްވަން ނުފައްޓަވަމެވެ.“
އަދިވެސް ވިދާޅުވިއެވެ: ”އޭނާއަށް ވުރެ ޢިލްމުވެރި މީހެއްގާތު އެހުމުގެ ކުރިން، މިވަނި ކަމަކަށް ތިބާ އަހުލުވެރިވެގެންވާ ކަމަށް އެއްވެސް މީހެއް ދެކިގެން ނުވާނެއެވެ. އަދި ރަބީޢަތު އާއި ޔަޙްޔާ ބުނު ސަޢީދު އަރިހުން އެއްސެވުމަށް ފަހު މެނުވީ އަހަރެންނެއް ފަތުވާދޭން ނުފަށަމެވެ. އަދި އެބޭފުޅުން މިކަމަށް (ހުއްދަދެއްވައި) އަމުރުކުރެއްވިއެވެ. އެބަޭފުޅުން އަހަންނަށް ނަހީ ކުރެއްވިނަމަ، އެކަން ނިންމަވާލެއްވީމުހެވެ.“
އަދިވެސް ވިދާޅުވިއެވެ: ”އަދި ފަހެ اللَّه ގެ ރަސޫލު ﷺ ގެ އަޞްޙާބުން މައްސަލަތައް (ނިންމެވުމުގައި) ބުރަވެވަޑައިގެން ވާނަމަ، އަދި އޭގެ ތެރެއިން އެއްވެސް ބޭކަލެއް އެބޭކަލެއްގެ ޞާހިބެއްގެ ރައުޔު ނުދަނެ ޖަވާބެއް ނުދެއްވާނަމަ — އަދި މިއީ އެބޭފުޅުންނަށް ރިޒުޤުވި ތެދުމަގާއި ތައުފީޤާއި ޠާހިރުކަމާއި އެކުގައިކަމަށް ވާއިރު — އެހެންވެއްޖެނަމަ ފާފައާއި ކުށުން ފޯވެފައިވާ އަހަރެމެންނަށް އަދި ފަހެ ކޮބައިހެއްޔެވެ؟“
އަދި އެކަލޭގެފާނު رَحِمَهُ اللَّهُ އާއި ކަމަކާއިމެދު ސުވާލުވެއްޖެތަ، ޖަންނަތާއި ޖަހަންނަމަ ދެމެދު ހުންނަވާ ފަދައެވެ.
ޢަޠާއު ބުނު އަބޫ ރަބާޙު ވިދާޅުވިއެވެ: "ބައެއް މީސް މީހުންނާއި އަހަރެން ދިމާވިއެވެ. އޭގެތެރެއިން ބޭކަލަކާއި، ކަމަކާއި މެދު ސުވާލުވެވިއްޖެތަ، ވާހަކަދައްކަވާހިނދު ތުރުތުރު އަޅުއްވައެވެ."
އަދި ނަބިއްޔު ﷺ އާއި ސުވާލުވެވުނެވެ: "ބިމުގައި އެންމެ ނުބައީ ކޮންތަނެއްތޯއެވެ؟" ޙަދީޘް ކުރެއްވުއެވެ: لَا أَدْرِي حَتَّى أَسْأَلَ جِبْرِيلَ "ޖިބްރީލް އަރިހުން ސުވާލު ނުކުރައްވައެއް، ތިމަން ކަލޭގެފާނަކަށް ތިއެއް ނޭގެއެވެ." އެކަމާއި ސުވާލު ކުރެއްވިއެވެ. ދެން ޙަދީޘް ކުރެއްވިއެވެ: أَسْوَاقُهَا "އެބިންތަކުގެ މާރުކޭޓުތަކެވެ."
އަލްއިމާމު އަޙްމަދު ވިދާޅުވިއެވެ: "ފަތުވާ ދިނުމަށް އެމީހެއްގެ ނަފްސު ހުށަހަޅައިފި މީހެއް، އޭނާގެ ނަފްސު ބޮޑުވެގެންވާ ކަމެއްގެ ތެރެއަށް ލައިފިއެވެ. އެހެނަސް އިތުރުގޮތެއްނެތް ޟަރޫރަތެއްގައި މެނުވީއެވެ."
އަދި އައްޝަޢްބީ އާއި ކަމަކާއި މެދު ސުވާލުވެވުނެވެ. ވިދާޅުވިއެވެ: "އަހަންނަކަށް ނޭގެއެވެ." ބުނެވުނެވެ: "އިރާޤުގެ އަހުލުންގެ ފިޤުހުވެރިޔާ ކަމަށް ވާހިނދު، ނޫނެކޭ ބުނަން ތިބާ ލަދުވެތިއެއް ނުވަމުހެއްޔެވެ؟" އެހެންކަމުން ވިދާޅުވިއެވެ: "އެހެނަސް މަލާއިކަތުން މިހެން ވިދާޅުވި ހިނދު ލަދުވެތިއެއް ނުވެއެވެ: {لا عِلْمَ لَنَا إِلا مَا عَلَّمْتَنَا} [البقرة: ٣٢] "އިބަ އިލާހު އުނގަންނަވައި ދެއްވި އެއްޗެއް މެނުވީ އަހަރެމެންނަށް އެކަމެއްގެ ޢިލްމެއް ނުވެއެވެ."
ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވެއެވެ: "އަހަންނަށް ނޭގެއޭ" ބުނަން ތިބާ ދަސްކުރާށެވެ. އެހެނީ ތިބާ "އަހަންނަށް ނޭގެއޭ" ބުނެފިނަމަ، ތިބާއަށް އެގެންދެން އުނގަންނައިދެވޭނެއެވެ. އަދި ތިބާ "އަހަންނަށް އެނގެޔޭ" ބުނެފިނަމަ، ތިބާ އަށް ނޭގުމާއި ހަމައަށް ސުވާލުވެވޭނެތެވެ."
ޢުތުބަތު ބުނު މުސްލިމް ވިދާޅުވިއެވެ: "އިބްނު ޢުމަރު އާއި އެކު ތިރީސް ހަތަރު މަސް ވަންދެން އަހަރެން އަޞްޙާބުވެ ހުރީމެވެ. އެކަލޭގެފާނަށް ސުވާލުވެވޭ ގިނަފަހަރެއްގައި ވިދާޅުވެއެވެ: "އަހަރެންނަކަށް ނޭގެއެވެ."
އަދި ސަޢީދު ބުނުލް މުސައްޔިބު، ގާތްގަނޑަކަށް އެއްވެސް ފަތުއާއެއް ވިޔަސް އަދި އެއްޗެއްވެސް މިހެން ދުޢާ ނުކުރައްވައި ވިދާޅުނުވެއެވެ: اللَّهُمَّ سَلِّمْنِي وَسَلِّمْ مِنِّي "ޔާ اللَّه އަހަރެން ރައްކައުތެރި ކުރައްވާށިއެވެ . އަދި އަހަރެންގެ ފުށުންވެސް ރައްކައުތެރި ކުރައްވާށެވެ."
އިބްނު އަބީ ލައިލާ ވިދާޅުވިއެވެ: "اللَّه ގެ ރަސޫލު ﷺ ގެ އަޞްޙާބުންކުރެން 120 އަންޞާރިއްޔަ ބޭފުޅުންނާއި އަހަރެން ބައްދަލުވިއެވެ. އެއިން އެއް ބޭފުޅެއް ގާތު މައްސަލައަކާއި މެދު ސުވާލުވެވިއްޖެނަމަ، އެއިން އެހެން ބޭފުޅަކަށް ދެން އެބޭފުޅެއް އަނެއްބޭފުޅަކަށް ރައްދުކުރައްވައެވެ. އެއީ އޭގެ ތެރެއިން އެންމެ ފުރަތަމަ ސުވާލުވެވުނު ފަރާތަށް އެނބުރި އައުމާއި ހަމައަށެވެ. ވާހަކައެއްދައްކަން އެދެވިއްޖެނަމަ ނޫނީ ކަމަކާއިމެދު ސުވާލެއްވިޔަސް ކުރެވިއްޖެނަމަ، އެބޭފުޅެއްގެ އަޚު އެކަމުގައި އެބޭފުޅެއްގެ މައްޗަށް ފުއްދައިދިނުމަށް ލޯބިނުކުރައްވާ އެއްވެސް ބޭކަލެއް އޭގެތެރޭގައި ނުވެއެވެ."
އަބުލް ޙުޞައިން އަލްއަސަދީ* ވިދާޅުވިއެވެ: "ތިޔަބައިމީހުން މައްސަލައެއްގައި (ފަސޭހައިން) ފަތުވާ ދޭއިރު، އެއީ އެފަދަ މައްސަލައެއް ޢުމުރު ބުނުލް ޚައްޠާބު އާއި ހަމަޔަށް ފޯރިނަމަ، އެއަށްޓަކައި ބަދުރު (ހަނގުރާމައި)ގެ ބައިވެރިން އެއްކުރައްވާނޭ ވަރު ކަންކަމެވެ."
އަދި އަލްޤާސިމު ބުނު މުޙައްމަދު އާއި ކަމަކާއިމެދު ސުވާލު ވެވުނެވެ. އެހެންކަމުން ވިދާޅުވިއެވެ: "އަހަންނަކަށް ތިކަންތައް އެހާރަނގަޅަކަށް ނޭގެއެވެ." ސުވާލު ކުރިމީހާ އެކަލޭގެފާނުގާތު ދެންނެވިއެވެ: "އަހަރެން މިއައީ ކަލޭގެފާނުގާތަށެވެ. އަހަންރެންނަށް ތިނޫން ބޭކަލެއް ނޭގެއެވެ." އަލްޤާސިމް ވިދާޅުވިއެވެ: "އަހަރެންގެ ތުނބުޅީގެ ދިގުމިނަށް ނުބަލާށެވެ. އަދި އަހަރެން ވަށައިގެން ތިބި މީހުންގެ (ދަރިވަރުންގެ) ގިނަކަމަށްވެސް ނުބަލާށެވެ. اللَّه ގަންދީބުނަމެވެ. އަހަރެންނަށް ތިމައްސަލަ ރަނގަޅަކަށް ނޭގެއެވެ." ދެން އެބޭކަލަކާއި ޖެހިގެން އިށީނދެހުރި ޤުރައިޝުންގެ މުސްކުޅިއެއް ދެންނެވިއެވެ: "އޭ އަހަރެންގެ އަޚާގެ ދަރިއެވެ. އެއަށް ޖަވާބެއްދީބަލާށެވެ. اللَّه ގަންދީ ބުނަމެވެ. އަހަރެމެންގެ މިއަދުގެ މަޖިލިހުގައި ކަލޭގެފާނަށްވުރެ ގަދަރުވެރި ބޭފުޅެއް ނުދެކެވެ." ދެން އަލްޤާސިމް ވިދާޅުވިއެވެ: "اللَّه ގަންދީ ބުނަމެވެ. އެކަމަކާއިމެދު އަހަރެންނަށް ޢިލްމެއް ނެތް ކަމެއްގައި ވާހަކަދެއްކުމަށް ވުރެ، އަހަރެންގެ ދޫ ބުރިވުންވެސް އަހަރެންނަށް މާ ލޮބުވެތިވެގެން ވެއެވެ."
އަދި ސަލްމާން (އަލްފާރިސީ)، އަބުއް ދަރްދާއު رَضِيَ اللَّهُ عَنْهُمَا އަށް ލިޔުއްވިއެވެ - އަދި އެދެބޭފުޅުންގެ ދެމެދު އުޚުއްވަތްތެރިކަން ވިއެވެ : "އަހަރެންނާއި ހަމައަށް ފޯރާފައިވާ ގޮތުން ތިބާ ޑޮކްޓަރެއް ކަމަށް އައްޔަންވެވިއްޖެއެވެ. ވީމާ ވަގު-ޑޮކްޓަރަކަށް ވުމުން ރައްކާތެރިވާށެވެ. ނުވަތަ މުސްލިމެއް މަރާލުމާއިމެދުގައެވެ."
އެހެންކަމުން އެކަލޭގެފާނު (އަބުއް ދަރްދާއު) ގާތަށް ދެމީހަކު އަތުވެ، ބައެއްފަހަރު އެދެވެރިން ދެމެދު ނިޔާ ކަނޑަ އެޅުއްވުމަށްފަހު ވިދާޅުވެއެވެ: "އަހަރެން ގާތަށް އަލުން އަންނާށެވެ. اللَّه ގަންދީއެވެ. ވަގު-ޑޮކްޓަރެކެވެ! ތިދެވެރިންގެ ޤަޟިއްޔާ އަލުން ޢިޔާދަކުރާނަމެވެ."
މަޞްދަރު: إعلام الموقعين عن رب العالمين، دار الكتب العلمية، ج 4 ص. 166 - 168